ސިޔާމުވެސް ރ.އިބޫ އާއި އެކު ކުރިއަށް
މިއަހަރުގެ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދުކުރުމަށް ނިންމައިފިއެވެ.
މިއަދު ހަވީރު އެމްޑީއޭ އިން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގައި މިއަހަރުގެ ރިޔާސީ އިންތިހާބަށް ވާދަނުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެޕާޓީން ނިންމާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް އަށް ތާއީދު ކުރުމަށެވެ.
ރައީސް ސާލިހް ވަނީ ސިޔާމް އާއި އެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ދައުވަތުއަރުވައި ސިޓީވެސް ފޮނުވާފައެވެ. އަދި ރައީސް ސާލިހްގެ ފަރާތުން ޓީމެއް މި ހަފްތާގެ ހޯމަ ދުވަހު ވަނީ ސިޔާމް އާއި ބައްދަލު ކޮށްފައެވެ.
މީގެ އިތުރުން ހުސްވި ހަފްތާގެ ތެރޭގައި ރައީސް ސާލިހް ވަނީ ސިޔާމް އާއި ބައްދަލުވެސް ކުރައްވާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން ރައީސް ސާލިހް ތައްޔާރުވަމުން ދާއިރު، ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާ ޕާޓީތަކާއެކު ކުރުމުގެ ހުއްދަ ދީފައެވެ. އެގޮތުން ރައީސް ސާލިހް ގެންދަވަނީ ކޯލިޝަން ހެދުމަށް ބައެއް ސިޔާސީ ޕާޓީތަކާއެކުގައި މަޝްވަރާ ކުރައްވަމުންނެވެ.
ރައީސް ސާލިހް އާއި އެކު ކޯލިޝަން ހެދުމަށް މިވަގުތު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އެކުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ވަނީ ދައުވަތު ދީފައެވެ. އެހެންކަމުން ޕާޓީތަކުން ގެންދަނީ އެކަމަށް މަޝްވަރާ ކުރަމުންނެވެ.
އަދާލަތު ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ރައީސް ސާލިހް އާ އެކުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާއިރު، ދާދި ފަހުން ރައީސް ސާލިހްގެ ފަރާތުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް އާއި ބައްދަލުކޮށްފައެވެ.
ސަން އައިލެންޑްގައި އޮތް ބައްދަލުވުމުގައި ބައިވެރިވީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި ރައީސް ސާލިހްގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ. ބައްދަލުވުމަށް ފަހު އަލީ ނިޔާޒް ވިދާޅުވީ އެބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ކަމާއެކުގައިކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އިން އެހެން ޕާޓީތަކާއި އެކު ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ސާލިހް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
Comments