ބިދޭސީންނަށް ތިލަފުށިން ބިން ވިއްކުން ހުއްޓާލަން ގޮވާލައިފި
ބިދޭސީންނަށް ތިލަފުށިން ބިން
ވިއްކުން ހުއްޓާލަން އެމް.އެން.ޕީ
އިން ގޮވާލައިފި
ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރުގެ ފަރާތްތަކަށް ބިންވިއްކުމަށް ސަރުކާރުން ހުޅުވާލުމުން އެކަން ބަދަލުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ.
ތިލަފުށިން ސިނާއީ ބޭނުމަށް ފިޔަވަހިތަކަށް ބަހާލައިގެން ބީލަމުގެ އުސޫލުން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ނިންމައި އުސޫލެއް އާންމުކޮށްފަ އެވެ. އެގޮތުން ދިވެހިންނާއި ބޭރު ފަރާތްތައް ހިމެނޭހެން އަމިއްލަ ފަރުދަކަށް ނުވަތަ ކުންފުންޏަކަށް ވެސް ބީލަން ހުށަހެޅިދާނެ އެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ އެ ފަރާތަކަށް ބިން މިލްކު ކުރެވޭނެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށެވެ.
މި އުސޫލުގެ ދަށުން ސިނާއީ ބޭނުމަށް ވިއްކާ ބިންތަކުގެ ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާ އެވެ.
މިކަމާ ގުޅިގެން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާއެކު ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަމެއް ކަމަށެވެ. އަދި ކޮވިޑްގެ ގެއްލުން ތަކުން ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް، ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުޞޫލުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް އެމްއެންޕީން ބުނެ އެވެ.
"އެއީ ދިވެހި އިޤްތިޞާދަށާއި އަދި ޢާއިލާތަކުގެ މާލީ ޙާލަތަށް ސީދާ ގެއްލުންވާނޭ ކަމެކެވެ. މި ޕާޓީން ޤަބޫލުކުރަނީ ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަންދޭ އަދި ދިވެހިންގެ ޙައްޤުތައް ޙިމާޔަތްކުރެވޭ ގޮތަކަށް އޮންނަ "އެންމެފުރަތަމަ ދިވެހިން" ސިޔާސަތުތަކަށް ވާންޖެހޭނެ ކަމަށެވެ." އެ ބަޔާނުގައިވެ އެވެ.
އެމްއެންޕީން ވަނީ ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރު މީހުންނަށް ބިން ވިއްކުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
Comments